މާލޭގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި މިއަދު މެންދުރު ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގައި ބިދޭސީއަކަށް ހަމަލާދީ މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ”ތަސްވީރު“ ކެފޭގެ ބަދިގޭގައެވެ. އަދި މި ހަމަނުޖެހުމުގައި ބައިވެރިވެފައިވަނީ ބަންގްލަދޭޝް އަދި ނޭޕާލްގެ ދެ ރައްޔިތެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މިހާދިސާގައި ހިމެނޭ ދެމީހުންނަށްވެސް އަނިޔާ ލިބިފައިވާ ކަމަށާއި، ދެމީހުންނަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. މީގެއިތުރުން، ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި، އަނިޔާ ލިބުނު ފަރާތުގެ ގައިން އޮހޮރުނު ލޭ ކެފޭގެ ތަޅުންގަނޑުގައި ހުރި މަންޒަރު ފެންނަން ހުއްޓެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ރިޕޯޓުކުރެވުނީ މިއަދު މެންދުރު 12:10 ގައެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.



