ޗައިނާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ކަނޑައަޅާފައިވާ ސަފީރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފަތްކޮޅު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ނިކޮލަސް ޑޭވިޑް ލޯ އާއި ޖަޕާނުން އައްޔަންކުރެއްވި ސަފީރު އިޝިގާމީ ރުމީކޯ ވަނީ ރައީސަށް ފަތްކޮޅު އަރުވާފައެވެ.
ޖަޕާނުގެ ސަފީރާއެކު ބޭއްވުނު ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާ ރައީސް ވަނީ ޖަޕާނުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ސަފީރާއެކު ބޭއްވުނު ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ޚާއްޞަކޮށް މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޖަޕާނާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ރާއްޖެއިން އިނގިރޭސިވިލާތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.




