ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަމުގައިވާ ށ. ފަރުކޮޅުން ވެލި ނެގުމުގެ މައްސަލަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ށ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފަރުކޮޅުގެ ގޮނޑުދޮށާއި ތުނޑި އަދި ފަޅުތެރެއިން ގިނަ ބަޔަކު ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ބެލުމުގެ މަސައްކަތް ކައުންސިލާއި އީޕީއޭ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ވެލި ނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވަކި ސަރަޙައްދުތަކެއް ކަނޑައެޅިފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ އެސަރަޙައްދުތަކުން ވެސް މެޝިނަރީ ބޭނުންކޮށްގެން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށެވެ.
ގިނަގުނަ ސަބަބުތަކަށްޓަކައި ހިމާޔަތްކުރެވިފައިވާ ފަރުކޮޅު ފަދަ ތަންތަން ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެހައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ކޮންމެހެން ބޭނުންވާނެކަން ފާހަގަކޮށް ކައުންސިލުން ބުނީ ހިމާޔަތްކުރެވިފައިވާ ފަރުކޮޅުގައި 7 ކުޅި ހިމެނޭ ކަމަށާއި ރަށުގައި ޗަސްބިމުގެ ސަރަޙައްދު ވެސް ބޮޑު ކަމަށެވެ.
ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ތެރެއިން ކަނޑޫ، ބުރެވި އަދި ތަކަފަތި ފަދަ ގަސްތައް މި ރަށުގައި ހެދިފައިވާ ކަމަށާއި، ރަށުގެ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން އެކި ބާވަތުގެ ދޫނިތަކުގެ މަންޒިލަކަށްވެސް ފަރުކޮޅު ވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މިކަމާއި ގުޅޭ ގޮތުން ތިމާވެށްޓާބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ބައެއް ދޫނިތައް މި ރަށަށް ބިސް އަޅާ ކަމަށާއި، އަދި ރަށުގެ މޫދާ ގުޅިފައިވާ ކުޅި ސަރަޙައްދުގައި ދުނިޔެއިން ވެސް ނެތިދިއުމުގެ ބިރު ހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް އާލާވަމުންދާ ކަމަށެެވެ.



