އައްޑޫ ސިޓީން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓަރީ ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމަކާ އެކުގައި ކަމަށް ކަނޑައަޅާއިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ނިންމުމަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި އެއްބަސްވުމުގެ މަޤްޞަދަކީ، ހުރިހާ ފަރާތްތަކާމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރުމާއެކު، ބިމާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.
މީގެ ތެރޭގައި ގޯތި ސާފުކުރުމާއި، ބެލެހެއްޓުމާއި، އިންފާރު ރޭނުން ފަދަ ކަންކަން ގޯތީގެ ވެރިފަރާތުން ކުރާކަން ޔަޤީންކުރުން ހިމެނެއެވެ.
އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ފަޅުވެފައި ހުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގައި މި އައު އުސޫލަކީ އިތުރު ހަރުފަތެއް ކަމުގައި ކައުންސިލުން ދެކެއެވެ.
ކައުންސިލުން ވަނީ ބިމުގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގޯތިތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ސާފުކޮށް ބެލެހެއްޓުމަށާއި، ދިރިއުޅުން އާރާސްތުކުރުމަށް ލިބިފައިވާ ފުރުޞަތު ނަގާނުލުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މިފަދައިން ބޭނުން ނުހިފައި ދޫކޮށްލާފައިވާ ގޯތިތައް ހުރުމަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެހެން ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ފާހަގަކޮށް، މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.
ފާއިތުވި އަހަރު، ގިނަ އަހަރުތަކަކަށްފަހު އައްޑޫ ސިޓީން 1،000 ގޯތި ދޫކޮށްފައިވާއިރު، މި ގޯތިތައް ދޫކޮށްފައިވަނީ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށްތަކުންނެވެ.




