އައްޑޫ ސިޓީގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަދައްކަވަމުން ޝަމްޢާން ވިދާޅުވީ މިހާތަނަށް އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަމުން އައީ ހަފްތާގެ ރަސްމީ މަސައްކަތު ދުވަސްތަކުގައި އެކަނި ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މި ޚިދުމަތް ހޮނިހިރު ދުވަހަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މީގެއިތުރުން، އައްޑޫ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ޝަމްޢާން ވިދާޅުވީ މިހާރު އެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް އެ އޮފީހުގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ބަންދު ދުވަސްތަކުގައިވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާކަން ޝަމްޢާން ފާހަގަކުރެއްވިއެވެ. މި އައު ބަދަލާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށްވެސް ހަފްތާ ބަންދުގައި ޕާސްޕޯޓް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.




