ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުންގެ މިއަދު ހާމަކޮށްފައިވާ ގޮތުގައި، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ވީއައިއޭގެ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ބެހެއްޓާފައި އޮތް ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް މި ޢަމަލު ކުރި ފަރާތަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އެ ފަރާތް ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއާއިއެކު ފުލުހުން ވަނީ މި މައްސަލައިގައި ޝައްކުކުރެވޭ ފަރާތުގެ ވީޑިއޯ ފުޓޭޖް އާންމުކޮށް މިމީހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން 9400056 ނަންބަރަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.




