ޣައްޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގެ ފަލަސްޠީނުގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކޮށް، ”މެދުއިރުމަތީގެ ރިވިއެރާއަކަށް“ ޣައްޒާ ހެދުމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ރަވާފައިވާ ޕްލޭން ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައެއް ނުގަނެ، ފާޑުކިޔައިފިއެވެ.
ވައިޓްހައުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއިއެކު ބޭއްވި ބައްދުލުވުމެއްގައި ޣައްޒާ ޣައްޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް ”މެދުއިރުމަތީގެ ރިވިއެރާއަކަށް“ ހަދާނެ ކަމަށް ޓްރަމްޕް ބުނުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އެކަމަށް ފާޑު ކިޔާފައެެވެ.
ޓްރަމްޕްގެ ޕްލޭން ބަލައިނުގަންނާނެ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ބުނީ ފަލަސްތީނުގެ ދައުލަތް ގާއިމު ނުކުރެވޭނަމަ އެގައުމުން އިޒްރޭލާއިއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އިތުރުން، ތުރުކީވިލާތުން ވެސް ބުނެފައި ވަނީ މިޕްލޭން އަކީ ”ޤަބޫލުކުރެވޭނެ“ ކަމެއް ނޫން ކަމަށެވެ.
ފްރާންސުން މިޕްލޭންގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބުނެފައިވާއިރު ރަޝިޔާ، ޗައިނާ، ޖާމަނީ، ސްޕެއިން، އަޔަރލެންޑް އަދި އިންގިރޭސިވިލާތުން ވަނީ ދެ ދައުލަތް ގާއިމު ކުރުމުގެ ޚިޔާލަށް ތާއީދު ކޮށްފައެވެ. އެއީ ވޮޝިންގްޓަން ޕޮލިސީގެ ދަށުން މުސްތަޤްބަލުގައި އުފެދޭނެ ފަލަސްޠީނު ދައުލަތުގެ ބައެއްގެ ގޮތުގައި ޣައްޒާ އާއި ވެސްޓް ބެންކް ހިމެނޭ ގޮތަށެވެ.
ޓްރަމްޕް ބުނެފައިވާ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުތަކަށް އެއްބައިވަންތަކަމާއެކު ދިރިއުޅެވޭނެ ރިސޯޓެއް ޣައްޒާގައި އެޅުމަކީ އޭނާ ތަސައްވަރުކުރާ ކަމެއް ކަމަށާއި ޣައްޒާގެ ރައްޔިތުނަށް އަނިޔާވެރިކަމުގެ ބިރަކާ ނުލައި ދިރިއުޅެވޭނެ ތަންތަނަށް ދާއިމީކޮށް ބަދަލުކުރުމުގެ މަސައްކަތަށް އޭނާ ތާއީދު ކުރާ ކަމަށެވެ.



