އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ފަށައިފިއެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ސަރަހައްދުތަކުން ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި، ތުހުމަތުކުރެވިގެން ހުއްޓުވައި ސުވާލުކުރެވުނު ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އޭގެ ވެރިފަރާތްތައް އެނގިފައިނުވާތީއެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ ރަން ފަށެއް، މޯބައިލް ފޯނުތައް، ފައިސާ، އަދި އެހެނިހެން ތަކެއްޗެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 2024 މެއި 18 ވަނަ ދުވަހު ސިނަމާލެ ބްރިޖުން ހޮވައިގެން ގެނެސްފައިވާ ރަންފަށެކެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނުގައި ވަނީ ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރެވުނު މީހެއްގެ އަތުން ފެނުނު ރިއަލްމީ ބްރޭންޑުގެ މޯބައިލް ފޯނަކާއި، އިސްކަންދަރު ސްކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގައި ވަނީ ބަންޑާރަ މިސްކިތުން ފެނުނު ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނަކާއި، ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރެވުނު މީހުންގެ އަތުން ފެނުނު ޓްރިމަރުތަކާއި ގަލަންފޮށިތަކެވެ. އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިސްގެ ބެލުމުގެ ދަށުގައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު 52 ޑޮލަރެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ވަނީ ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ނޫކުލައިގެ އައިފޯނަކާއި، ޓެކްސީއަކުން ފެނުނު ރަތްކުލައިގެ ފޮއްޓެކެވެ.
ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތްތަކަށް ގުޅުމަށް ވަކިވަކި ފޯނު ނަންބަރުތަކެއް ހާމަކޮށްފައެވެ. އަދި ވެރިފަރާތްތަކުން އިންސިޑެންޓް ނަންބަރާއެކު މަޢުލޫމާތު ހިއްސާކުރުމަށާއި، ކާކުކަން އަންގައިދޭ ލިޔުމަކާއެކު ކަމާބެހޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައިވެއެވެ.



