މިއަހަރުގެ ރަމަޟާން މަހަށް ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު، އެއް ލައްކައަށް ވުރެ ގިނަ ގޭބިސީއަށް މިހާތަނަށް ބަހައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ޖުމްލަ 102،712 ގޭބިސީއަށް 22،163 ޕެކެޓް ކަދުރު ވަނީ ބަހާފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގެ 46،251 ގޭބިސީއަށް 11،375 ޕެކެޓް ކަދުރު ދޫކޮށްފައިވާއިރު، އަތޮޅުތަކުގެ 56،461 ގޭބިސީއަށް 10،788 ޕެކެޓް ކަދުރު ބަހާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މާލެ ސަރަހައްދަށް ކަނޑައެޅުނު ކަދުރުގެ ޕެކެޓްތައް މިހާރު ވަނީ ހުސްވެފައެވެ. އަދި 19 ޖަމްޢިއްޔާއަކުން ކަދުރު ހޯދުމަށް އެދިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ޖަމްޢިއްޔާއަކަށް ކަދުރު ދޫކޮށްފައި ނުވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



