ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ޖަލްސާތައް ފެށުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ދަނިކޮށް، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ހުރަސް އެޅުމުން، އެ މެންބަރުންގެ ނަން އިއްވައި، މަޖްލިސް މެދުކަނޑާލައިފި އެވެ.
ދިވެހިރާއްޖޭގެ ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކުވެސް އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.
އެގޮތުން ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެއެވެ.
ނަމަވެސް ރައީސް މުޢިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވައި ދެއްވަނިކޮށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެމަނިކުފާނުގެ ވާހަކަފުޅަށް ހުރަސް އަޅައި، މަޖިލިހުގައި އަޑުގަދަ ކޮށްފައެވެ. އަދި މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެބޭފުޅުންނަށް ތަކުރާރުކޮށް ނަސޭހަތްދެއްވުމުން ވެސް އެކަން ހުއްޓައިނުލުމުން މަޖިލިސް ރައީސް ވަނީ އެ މެންބަރުންގެ ނަން އިއްވައި މަޖިލިސް ދޫކޮށް ދިޔުމަށް އަމުރުކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަން އިއްވަވާފައިވަނީ:
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
- ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޤަފޫފް މޫސާ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް
- ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
މިއަދު މަޖިލިހުގެ ޖަލްސާ މެދުކަނޑާލެއްވުމަށްފަހު އިތުރަށް ކުރިއަށް ގެންގޮސްފައިވަނީ، ސިފައިންގެ އެހީގައި މި 9 މެންބަރުން މަޖިލިސް ތަޅުމުން ބޭރުކުރުމަށްފަހުއެވެ.



