މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ވަނީ ޤާއިމުކުރެވިފައެވެ. އަދި މިހާރު ފުލުހުންގެ ޚިދުމަތް ނެތް 39 ރަށުގައި މިއަހަރު ތެރޭގައި އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެހެންކަމުން، މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ނެތް އެއްވެސް ރަށެއް ނުހުންނާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު ވަގުތީ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތް ދެމުންދާ 20 ރަށުގައި ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެއާއިއެކު މަސްތުވާތަކެއްޗާއި ގޭންގު ހަރަކާތްތަކުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަހަރު އިތުރުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



