އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ އަދަދު ދެގުނަ ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން މިކަން އިއުލާން ކުރައްވާ ރައީސް ވިދާޅުވީ މިއަހަރު ފެށުނުއިރު ޢަމަލުކުރަން ފެށުނު ބޭރުފައިސާގެ އައު ޤާނޫނުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް އަވަސް މުސްތަޤުބަލެއްގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މިގޮތުން 2023 ވަނަ އަހަރު 590.5 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މިދިޔަ އަހަރުގެ ނިޔަލަށް 673 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ އަމާޒަކީ މި އަދަދު 705.1 މިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން ވެލާނާ އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރަމުންދާ 500 ޑޮލަރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ބޭރުފައިސާގެ ކަޅުބާޒާރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ހަމައެއާއިއެކު، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްކުރުމަށް ބޭންކުތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތްވެސް އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



