މަސްވެރިންނަށް މި އަހަރު ތެރޭގައި ލުއި ލޯނު ލިބުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވައިފިއެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ދިރިއުޅުމާ ގުޅިލާމެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތެއް ކަމަށެވެ. އެހެންކަމުން، މި ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ނިޒާމެއް މިހާރު ވަނީ ޤާއިމުކުރެވިފައި ކަމަށާއި، ކުރީގެ ސަރުކާރުން ނުދެވިހުރި ފައިސާވެސް މިހާރު ވަނީ ދޫކުރެވިފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި އެކި ރަށްރަށުގައި ކޯލްޑް ސްޓޯރޭޖްތަކާއި މަސް ޕްރޮސެސިންގ ޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރެއް އުފައްދައި، އޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ދޯނިފަހަރު ވަނީ ރަޖިސްޓަރީ ކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއި ލޯނު ލިބުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެދުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށެވެ.
ހަމައެއާއިއެކު، އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެކި ރަށްރަށުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އަދި މަސްދޯނިތަކުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ބެހެއްޓުމަށް ފައިނޭންސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯގެ ފިއުލް ސްކިޑް ޤާއިމުކޮށް، އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ ކަމަށެވެ.



