ދައުލަތުގެ އެންމެހައި ޚިދުމަތްތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގެ ދަށުން ފޯރުކޮށްދިނުމަށް އީ-ފާސް އަޕްގްރޭޑްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި މިކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ އީ-ފާސް އެޕްލިކޭޝަނަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭ އެޕްލިކޭޝަނެއް ކަމަށެވެ.
އެހެންކަމުން، މި އެޕްލިކޭޝަން އަޕްގްރޭޑްކޮށް، ދުނިޔޭގެ އެންމެ ރަނގަޅު މިންގަނޑުތަކަށް ފެތޭ ގޮތަށް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި މި އަޕްގްރޭޑްގެ އެންމެ މުހިންމު ބަދަލަކީ ދައުލަތުގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ކޮރަޕްޝަން މަދުވެ، ސަރުކާރުގެ ސިޔާސަތުތައް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ފަށާނެއެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް ހޭދަވާ ވަގުތު ކުޑަވެ، ރައްޔިތުންނަށް އަމިއްލަ މަޢުލޫމާތުތައް ފަސޭހައިން ބެލޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ފުރިހަމަކުރުމަށް ރާވާފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މި މަޝްރޫޢު ކާމިޔާބުކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.




