ގއ. ވިލިނގިލީގައި އިއްޔެ ރޭ ވިހެއުމަށްފަހު މަންމައަކާއި އޭނާގެ ދަރިފުޅު ނިޔާވެފައިވާ މައްސަލަ ހެލްތު މިނިސްޓްރީން ތަޙުޤީޤުކުރަން ފަށައިފިއެވެ.
މި ކަން މިއަދު ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ’ސައުވީސް‘ އަށް ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީގެ އަންހެނަކެވެ. އޭނާ ނިޔާވެފައިވަނީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަދި އޭނާގެ ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލަށް އިހުމާލުވުމުގެ ތުހުމަތު ކުރެވެމުންދާއިރު، އެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާތައް ވެސް އަންނަނީ ކުރެވެމުންނެވެ.
މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން ހާމަކުރުމަށްފަހު ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެ މައްސަލަ ބެލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ނަމަވެސް މި ވަގުތު މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެއަރ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނެތުމުގެ ސަބަބުން އިތުރު ފަރުވާއަށް ދަތުރު ނުކުރެވި ލަސްވުމުގެ ސަބަބުނެވެ.




