ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އައްޑޫ ރައްޔިތުންނާ މެދު ނިކަމެތިކޮށް ވާހަކަދެއްކެވި ކަމަށް ބުނެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މެންބަރު އަބްދުއްރަހްމާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިނިސްޓަރު ޣައްސާނާ ބައްދަލުކުރެއްވި އިރު، އައްޑޫ ރައްޔިތުންނާ ގުޅޭ ދެ މުހިންމު މައްސަލައަކާ ގުޅިގެން ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާ ވާހަކަ ދެންނެވުމުން، މިނިސްޓަރު ކޯފާ އިސްކުރައްވާ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ނިކަމެތިކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.
”ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ… އައްޑޫ އަކީ މަށާ ބެހޭވެސް ތަނެއް ނޫން“ މިފަދައިން މިނިސްޓަރު ވިދާޅުވި ކަމަށް މެންބަރު އަބްދުއްރަހްމާން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އައްޑޫ ރައްޔިތުންނަށް ދެއްވި ވައުދުތައް ހަނދުމަފުޅުކޮށް އެރުވުމުން، މިނިސްޓަރު އިތުރަށް ކޯފާވެވަޑައިގެން ”ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫމީހުން އެދިގެން… އައްޑޫ އަކީ މަށާ ބެހޭ ތަނެއްވެސް ނޫން“ މިފަދައިން ވިދާޅުވި ކަމަށްވެސް މެންބަރު ވިދާޅުވެފައިވެއެވެ.
މެންބަރު އަބްދުއްރަހްމާން ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ދައުލަތުގެ ދިފާއީ ވަޒީރަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރަން ޖެހޭ ފަރާތެއް ކަމަށާއި، 35,000 އަށްވުރެ ގިނަ އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ގޮތަކަށް ވާހަކަދެއްކެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މެންބަރު އަބްދުއްރަހްމާން ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަކީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި ދިވެހި ގައުމަށް އިޚްލާސްތެރިވުމަށް ﷲ ގަންދީ ހުވައިކޮށްގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
ވަޒީރު ޣައްސާންގެ ވާހަކަފުޅު ހުރި ގޮތަކީ ރައީސް ޑރ. މުޢިއްޒު ވެސް ރުހިވަޑައިގަންނަވާނެ ގޮތެއް ކަމަކަށް ނުފެންނަކަން ފާހަގަކުރައްވާ މެންބަރު ވަނީ މި މައްސަލަ ބައްލަވައި، އައްޑޫ ރައްޔިތުންނަށާއި މުޅި ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ދަށު ދަރަޖައިގެ ބަހުރުވައަކުން ވަޒީރު ޣައްސާން ވާހަކަފުޅު ދެއްކެވި ކަމަށްޓަކައި، އެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް އެންގެވުމަށް ރައީސް އަރިހުން އެދިވަޑައިގެންފައިވެއެވެ.



