އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުންދިނުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑެވެ. އަދި މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމަކީ އެމުޖުތަމައަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެގޮތުން ތާރީޚުން މިކަން ފެންނަން އޮތްކަން ހާމަކުރައްވާ ޚުތުބާގައި ބުނީ އިސްލާމީ އުއްމަތުގެ ކުރީކިޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކާމާއި އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ އުއްމަތް ރޫޅިގެން ދިޔައީ މިކަންކަން މުސްލިމުންގެ މެދުން ފިލައިގެން ދިއުމުން ކަމަށެވެ.
ޚުތުބާގައި އިތުރަށް ބުނީ އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށާއި އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައިވާ ކަމަށެވެ.
މީގެއިތުރުން، އިސްލާމްދީނުގައި އެއްބައިވަންތަކަށް މަގުފަހުކޮށްދޭ ކަންތައްތައް ބަޔާންކުރައްވައިފާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމަތްކުރުމާއި، ފުރައްސާރަކުރުން މާތްﷲ މަނާކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި ބައިބައިވުމަށް ފުރުސަތުދޭ އުއްމަތެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި މިއެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމު ކުރުމަކީ ﷲ ގެ ހަޟުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިރިވެރިވެގެންދާ ކަމެއް ކަމުގައި ބުނެފައިވެއެވެ.



