ފްރޯޑް ކޭސްއަކާ ގުޅިގެން ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދް ހައްޔަރު ކުރަން އަމުރެއް ނެރެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ފަހަކަށް އައިސް އިންޑިއާގެ ނޫސްތަކުގެ އެންމެ ފަލަ ސުރުހީގައި ހިމެނިފައިވަނީ 10 ލައްކަ ރުޕީސްގެ ފްރޯޑަކާ ގުޅިގެން، ސޯނޫ ސޫދު ހައްޔަރުކުރަން ލުދިޔާނާގެ ކޯޓަކުން އަމުރެއް ނެރެފައިވާ ކަމަށެވެ.
ނަމަވެސް އެ ޚަބަރުތައް ދޮގުކޮށް މީސް މީޑިއާގައި ސޯނޫ އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އޭގައި އޭނާ ބުނެފައިވަނީ ކަމުގެ ދެކޮޅާއި ހަގީގަތް ނުބަލާ ޚަބަރުތައް ލިޔުމާއި ޤަބޫލުކުރުމުގެ އާދަކާދަ ދޫކޮށްލަން ޖެހޭ ކަމަށާއި މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
މީގެއިތުރުން ސޯނޫ ބުނީ، އޭނާ ހައްޔަރުކުރަން އެއްވެސް އަމުރެއް މިހާތަނަށް ނެރެފައި ނުވާ ކަމަށާއި ނަމަވެސް މައްސަލައިގެ ތަހުގީގާ ގުޅިގެން ހެކިވެރިއެއްގެ ގޮތުން ސުވާލު ކުރުމަށް އޭނާ ހާޒިރުކޮށްފައިވާ ކަމަށެވެ.
ސޯނޫ ބުނީ ފެންމަތިވެފައިވާ މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ހިމެނޭ ބަޔާނެއް އޭނާގެ ވަކީލުން މެދުވެރިކޮށް މިމަހުގެ 10 ވަނަ ދުވަހު އާންމުކުރާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ”ސެލެބްރިޓީ“ އަކަށްވާތީ ފަސޭހައިން ބަދުނާމު ކޮށްލުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިއީ ޒަމާނުއްސުރެ ކަންތައްވަމުންދާ ގޮތް ކަމުގައި ވެސް ސޯނޫ ސޫދް ބުނެފައިވެއެވެ.
ނިންމާލަމުން ސޯނޫ ބުނީ، އެފަދަ އެއްވެސް މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން އޭނާގެ ފޭނުންނަށާއި ރައްޔިތުންނަށްދޭ ކަމަށެވެ.



