ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކީ ”ވެލެންޓައިންސް ޑޭ“ (ލޯބިވެރިންގެ ދުވަސް) ގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކުރެއެވެ.
އާންމުކޮށް ކްރިސްޓިއަނުން ފާހަގަ ކުރާ، އަދި އެމީހުން އުފައްދާފައިވާ މި ދުވަސް ބައެއް މުސްލިމުން ވެސް ފާހަގަ ކުރެއެވެ. އަދި މިކަމާމެދު އެފަދަ މީހުންނާ، ދީނީ ޢިލްމުވެރިންނާ ދެމެދު ދެބަސްވުންތަކެއް ވެސް ކޮންމެ އަހަރަކު ފެތުރިގެން ދެއެވެ.
މުސްލިމުން ވެލެންޓައިންސް ޑޭ ފާހަގަ ކުރުމާމެދު މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވެސް ބުނެފައިވަނީ އެއީ މުސްލިމުން ފާހަގަ ކުރަން ވާނެ، އަދި ޤަބޫލު ކުރަންވެސް ވާނެ ދުވަހެއް ނޫން ކަމުގައެވެ. އޭނާ ބުނީ، މުސްލިމުން ފާހަގަ ނުކުރަންވީ ހަމައެކަނި މި ދުވަސް އެކަނި ނޫން ކަމަށާއި އެހެން ދީންތަކުގެ މީހުން ޤަބޫލުކުރާ އެފަދަ ހުރިހާ ދުވަހެއް ވެސް ފާހަގަ ކުރުމުން މުސްލިމުން ދުރުވެ ތިބެން ޖެހޭ ކަމަށެވެ. އަދި އެ އަރައިގަނެވެނީ ބޮޑުވެގެންވާ ފާފައަކަށް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ދަރުހެއްގައި ވާހަކަ ދައްކަމުން މުފްތީ މެންކު ބުނީ، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވާކަން މުސްލިމުން ދައްކަންވީ ހަމައެކަނި އެންމެ ދުވަހަކު ނޫން ކަމަށާއި މުސްލިމުންނަށް ކޮންމެ ދުވަހަކީ ވެލެންޓައިންސް ޑޭ އެއް ކަމަށެވެ.
”އަހަންނަށް ފެނިފަ އެބަހުރި ވެލެންޓައިންސް ޑޭ ގައި ހަދިޔާއެއް ނޫނީ މަލެއް ވެސް ނުލިބިގެން ރޫޅިފައި ހުރި ކައިވެނިތައް ވެސް. އެމީހުން ބޭނުންވަނީ އެ ހަދިޔާއެއް ލިބުމުން އެކަން އެންމެންނަށް ވެސް ދައްކަން“ މުފްތީ މެންކު ބުންޏެވެ.
މީގެއިތުރުން މުފްތީ މެންކު ބުނީ، މިފަދަ ލާދީނީ ދުވަހެއް ޤަބޫލުކޮށް، އެދުވަސް ފާހަގަ ކުރަން އުޅުމަކީ، ތިމާގެ ކައިވެންޏަށް ބުރޫއަރާފާނެ ކަމަށާއި އެފަދަ އަމަލުތަކުން މުސްލިމުން ދުރުހެލިވެ ތިބެން ޖެހޭ ކަމަށެވެ.
އެ ދަރުހުގައި މުފްތީ މެންކު އިތުރަށް އަލި އަޅުވާލާފައިވަނީ، ތިމާގެ ބައިވެރިޔާ އެއްޗެއް ދިނުމުންނާއި ނޫނީ އެކީގައި ފޮޓޯއެއް ނެގުމުން، އެކަން މީސް މީޑިއާގައި ހިއްސާ ކުރުމާމެދުއެވެ. އޭނާ ބުނީ އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދައިން އެކަން ކުރުމުން މީހުންގެ އެސްފިނާއެއް ޖެހި، ތިމާގެ ގުޚުމަށް އޭގެ އަސަރު ކޮށްފާނެ ކަމަށެވެ.



