އައްޑޫ ސިޓީގެ ދެކުނުން ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ދެރަވުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ”އެމްވީ އަލްފާ އީތޯސް“ ނަމަކަށް ކިޔާ ބޯޓެއްގައި ހުރި 31 އަހަރުގެ ފިރިހެން ފަޅުވެރިއެއްގެ ސިއްހީ ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް އޭނާ ހޮސްޕިޓަލަށް ގެންދިޔުމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގައިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި އިތުރު ފަރުވާ އަށް އެ ފަޅުވެރިޔާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޔެވެ.



