ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، މަޖިލިހުން ބަލައިގަންނަން ފާސްކޮށްފިއެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރުން މަދުކޮށް، ފަސް ފަނޑިޔާރުންނަށް ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ނަމަވެސް އޭނާ މި ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގި ވޯޓުން ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ބިލު ބަލައިގަތުމަށް ފާސްވުމާއެކު މި ބިލު މިހާރު ވަނީ ދިރާސާ ކުރާ ކޮމިޓީއަށް ފޮނުއްވާފައެވެ.



