އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް ލަފާކުރާ 133 މިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުން ވަނީ މި ބަޖެޓު ފާސްކުރުމަށް ތާއީދުކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133,590,266 ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށް 43,500,000 ރުފިޔާ ހިމަނާފައިވާއިރު، އިދާރީ ހިންގުމުގެ ޚަރަދަށް 19,850,659 ރުފިޔާ ވަނީ ހިމަނާފައެވެ.
މީގެއިތުރުން، މުވައްޒަފުން ތަމްރީނުކުރުމަށް 10,646,080 ރުފިޔާ ކަނޑައަޅާފައިވާއިރު، އޮޑިޓަރ ޖެނެރަލްގެ މުސާރަޔާއި އިނާޔަތްތަކަށް 981,000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް އެއް އިންސައްތައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ހިނގާ 2026 ވަނަ އަހަރަށް އެ އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާއެވެ. އަދި އަހަރުގެ ބާކީ އޮތް މުއްދަތުގައި އިތުރަށް 45 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭތީ، އަހަރު ނިމޭއިރު ބޭނުންނުކުރެވި ބާކީވާނެ ކަމަށް ލަފާކުރެވޭ 31 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން ރޭވުމުގައި ހިމަނާފައިވާ ކަމަށް މަޖިލީހުގައި އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ އާންމު ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަންޖެހޭ އެއްޗެކެވެ. ނަމަވެސް، މަޖިލީހުން ދައުލަތުގެ ބަޖެޓް ފާސްކުރާއިރު، އޮޑިޓް އޮފީހުގެ މި ބަޖެޓުވެސް ދައުލަތުގެ ޖުމްލަ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާނެއެވެ.



