މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ރިނބުދޫގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް، އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވާފައި މި ވަނީ، ދ. އަތޮޅުގެ، މީހުންގެ ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރިނބުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
”މި ރަށުގައި ހުރި މިސްކިތްވެސް މިއީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް އަޅުގަނޑަށް ކައުންސިލުން ވިދާޅުވި، ކައުންސިލްގެ ރައީސް ވިދާޅުވި. އެހާ ދުވަސް ވީ އިރުގައިވެސް ރަށުގައި މި ހުރީ އިތުރު މިސްކިތެއް ނޭޅި. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ފަޚްރުވެރި މުސްލިމުންނަށް ވާ އިރުގައި، ރަށްރަށުގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް، އެޅިފައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރިނބުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް ވަރަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު، ރައީސް މުޢިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ މައްސަލައަށް، ދާއިމީ ރަނގަޅު ހައްލެއް އައުމަކީ ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.




