އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިކަން އިއުލާނު ކުރެއްވީ އެ މަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. ހުޅުދެލީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްސީލެއްވެސް ހާމަ ކުރައްވާނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދުކަމަށެވެ. އަދި އެ މަނިކުފާނުގެ ވައުދާއި އެއްގޮތަށް މާލެއާއި އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މި ދައުރުގެ ތެރޭގައި ހިންގަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފްލެޓް ލިސްޓު އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓެއް އޭރު އާންމުކުރިއެވެ. ނަމަވެސް މި ލިސްޓާއިމެދު އާންމުންގެ ޝަކުވާ ބޮޑުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ލިސްޓުގެ މައްސަލަ ބަލަން ފެށިއެވެ.



