ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގަައި ބައިވެރު ނުވަނީ ޕީއެންސީ ގެ 2 މެމްބަރުން ކަމަށާއި، އެ 2 މެމްބަރުންގެ މައްސަލަ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރޝިޕުން ބަލަމުންދާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރުން ބައިވެރި ނުވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް ފަލާހު ވަނީ މިކަން ދޮގު ކުރައްވާފައެވެ. ފަލާހު ވިދާޅުވީ މީޑިއާތަކުން ވޯޓުގައި ބައިވެރިނުވާ ކަމަށް ބުނި 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި ކަމަށެވެ.
އަދި މިއަދު ޖަލްސާއަށްގެ ހާޒިރުވެ، ވޯޓުނެގި ވަގުތު ވޯޓުގައި ބައިވެރިނުވަނީ ޕީއެންސީގެ 2 މެމްބަރުން ކަމަށާއި، އެކަން ހިނގަން މެދުވެރިވި ސަބަބެއް މިހާރު ބަލަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
މިއަދުގެ ވޯޓުގެ ކުރިޔަށް ޕީއެންސީއިން ވަނީ އެ ބިލު ބަލައިގަތުމަށް ވޯޓު ދިނުމަށް މެމްބަރުންނަށް އަނގައި ތްރީލައިން ވިޕެއް ނެރެފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގި ވޯޓުން ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ބިލު ބަލައިގަތުމަށް ފާސްވުމާއެކު މި ބިލު މިހާރު ވަނީ ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވާފައެވެ.




