ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ، ޕީއެންސީއަށް ނިސްބަތްވާ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަމިއްލަ ބިލެއްގެ ގޮތުގައެވެ.
މި ބިލު ބަލައިގަތުމަށް މަޖިލިސް ޖަލްސާގައި މިއަދު ނެގި ވޯޓުން، އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދިނުމާއެކު، އެ މައްސަލަ މިއަދު ވަނީ ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.
އެ ބިލު ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީން ހަވީރު ބޭއްވި ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ބިލު ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި ރޯދަމަހުގެ ފަހަށް، އޭޕްރިލް މަހުގެ 25 ހިސާބަށް ކަނޑައަޅައި ދިނުމަށެވެ.
އެ ހުށަހެޅުމަށް، ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު، ހިތަދޫ ދެކުނު ދާއިރާގެ އިބްރާހީމް ނާޒިލް ތާއީދު ކުރެއްވިއެވެ.
އެއަށްފަހު މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ބިލުގެ މަސައްކަތް މިއަދުން މިއަދަށް ކުރިއަށްގެންގޮސް، ދިރާސާކޮށް ވަކި ގޮތަކަށް ނިންމައި ތަޅުމަށް ފޮނުވުމަށެވެ.
އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދު ކުރެއްވިއެވެ.
އެ ހުށަހެޅުންތަކުގެ ތެރެއިން ފާސްވީ، ހަ ވޯޓުން، އަޣުލަބިއްޔަތު އޮތް ޕީއެންސީގެ ހުށަހެޅުމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީން ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަކީ މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.



