ކެފޭ/ރެސްޓޯރަންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި ހެދުމުގައި އަމަލުކުރަންޖެހޭ ވަގުތީ ގަވައިދަށް އަމަލުކުރަން ފަށަންޖެހޭ މުއްދަތު މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިތުރުކޮށްފި އެވެ.
އެމްއެފްޑީއޭ އިން އާންމުކޮށްފައިވާ ”ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދު“ ގައިވާ ގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން ވެސް މިމަހުގެ 23 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.
އެ ގަވާއިދުގައިވާ ގޮތުގައި އެމްއެފްޑީއޭގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި އުޅޭ މީހުން ލައިސަންސް ހޯދުމަށް އެ އޮތޯރިޓީ އަށް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ.
މިކަމާ ގުޅޭގޮތުން އެމްއެފްޑީއޭ އިން އިތުރަށް ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ގުޅޭ ގަވާއިދުތަކަށް އަމަލުކުރަން ފެށެންދެން، ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނީ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވައިދަށް ކަމަށެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ކާބޯތަކެތީގެ ގަވާއިދު ފައިނަލްކޮށް މިއަދު އޭޖީ އޮފީހަށް ފޮނުވޭނެ ކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި ގަވާއިދު އާންމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.



