މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައިވާ އޮއްވާ ފެނުނު އެރަށު މާރަނގަ ޒަކިއްޔާ މޫސާ (50އ.) ގެ މަރާ ގުޅިގެން، އެރަށުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދެ ކުއްލި މައްސަލަވެސް، މަޖިލީހުގެ ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މަޖިލިހަަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އަދި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަމީން ފައިސަލް އެވެ.
މި ދެ ބޭފުޅުން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވެސް ވަނީ ޒަކިއްޔާގެ މަރަށް ފަސް މަސް ވިއިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމަށް ވިދާޅުވެ، އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބެލުމަށް ގޮވާލައްވާފައެވެ.
ދެ މެންބަރުން ވެސް ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމަވައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ދެ މައްސަލާގައި ވެސް ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް ނުދާކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ހޮޅުދޫގައި މި ހަފްތާގައި ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެއިތުރުން މި މައްސަލައާ ގުޅިގެން ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންގެންދާ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވެއެވެ.
ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




