ތިމާވެއްޓާ ރަށްޓެހި ޓެކްސީ ހޯދަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި އެންވަޔަރްމަންޓް މިނިސްޓްރީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ބްލޯބަލް އެންވަޔަރްމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގައި ހިންގާ އިންޓަގްރޭޓެޑް ސަސްޓައިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓްރީގެ ފަރާތުން، މިނިސްޓަރު ތޯރިގު އިބްރާހިމާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން، މިނިސްޓަރު މުހައްމަދު އަމީނެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރ އަމީން ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތިމާވެށްޓަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުން އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތަކާއި އިހުތިޔާރުތައް ފަހިކޮށްދިނުން ކަމަށެވެ.
އިންޖީނުލީ އުޅަނދުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ބާރު އެޅުމަކީ ވެސް އެ އެއްބަސްވުމުގެ އެއް ބޭނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ސަބަބުން ވައި ތަޣައްޔަރުވުމާއި ވެހިކަލްތަކުގެ އަޑުމަޑުކޮށް، މާލެއަކީ ދިރިއުޅުމަށް ރައްކާތެރި މާހައުލަކަށް ބަދަލުވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.




