ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރައްވައި، އެ ބިލު އިސްލާހު ކުރުމަށް އަނބުރާ މަޖިލިހަށް ފޮނުވާދެއްވުމަށް އެދި ބާ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެ ސިޓީގައި ބާ ކައުންސިލުން ވިދާޅުވެފައިވަނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން، ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ގޮތަށް މިއަދު މަޖިލީހުން ފާސްކުރި ބިލުގައި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލްޖުމްހޫރިއްޔާ އާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއާއި، ބަންޑާރަނައިބުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބާ ކައުންސިލުގެ އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ބާ ކައުންސިލުން ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށާއި ދައުލަތުގެ އެއް ބާރާ ގުޅުންހުރި ކަމެއްގައި ގާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށް ފެންނަ، ދިމިގްރާތީ މުޖުތަމައުއެއްގައި އަމަލުކުރަންވާނެ ގޮތް ކަމަށެވެ.



