އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް، އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި ތަހުގީގު ކުރާނެ ކަމުގައި އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
އޭސީސީން މިހެން ބުނެފައިމިވަނީ ސުޕްރީމު ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސޫއުދު، މަހާޒު އަލީ، އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
ޖޭއެސްސީއިން ބުނީ މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ އެ ފަނޑިޔާރުންގެ މައްޗަށް ހިނގަމުންދާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ހިނގަމުންދާކަމަށް އޭސީސީން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ބައެއް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، އެފަދަ މައްސަލައެއް ވުޖޫދުގައި ނުވާ ކަމަށާއި އެއީ އޭސީސީ މެދުވެރިކޮށް އުފައްދައިގެން އުޅޭ މައްސަލަތަކަކާއި ތަހުގީގުތަކެއް ކަމަށެވެ.
މިކަމާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަންގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަންގެ އަމަލެއް، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް އޭސީސީއަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާނުލައި ތަހުގީގު ކުރުމަކީ އެ ކޮމިޝަންގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.



