މާތް ވެގެންވާ އިސްލާމްދީނަކީ ހަމަކަށަވަރުން އަހަރެމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ހަމައެކަނި ދީންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ރިވެތި އަޚްލާޤުން ފުރިގެންވާ، އެންމެހާ ނުބައިކަންކަމުން ދުރުހެލިކޮށްދޭ ހަމައެކަނި ދީނެވެ. އެހެންކަމުން މި ދީނުގައި ސާބިތުވެ ތިބުމަކީ އޭގެ މަންފާ އަޅަމެންނަށާއި އަޅަމެންގެ ވަށައިގެންވާ އެންމެންނަށް ވެސް ކުރާނެ ހަމައެކަނި ދީނެވެ.
މިއީ މުސްލިމަކާއެކު މަސައްކަތް ކުރި، ނަޞާރާ ދީނުގައި ކުރިން ހުރި އެމެރިކާއަށް ނިސްބަތްވާ މީހެއްގެ ވާހަކައެވެ. އޭނާ އިސްލާމްދީން ޤަބޫލުކުރީ، އޭނާއާއެކު މަސައްކަތް ކުރި މުސްލިމު އެކުވެރިޔާ އިސްލާމްދީނަށް ދިން އަޙައްމިއްޔަތުކަން ވިސްނި އޭނާގެ ހިތުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އުފެދުމުންނެވެ.
”މީގެ 21 އަހަރު ކުރިން، ކޮލެޖު ނިންމުމަށްފަހު އަހަރެން ތަފާތު އެކި ވަޒީފާގައި އުޅުނީމެވެ. އެއީ އަހަރެންގެ އާއިލާ ބެލެހެއްޓުމުގައި އެހިތެރިވުމަށާއި އަމިއްލައަށް ޚަރަދުކޮށްގެން އިތުރަށް ކިޔެވުމަށެވެ. އެފަދައިން އަހަރެން އަދާކުރި އެއް ވަޒީފާއަކީ ގޭސް (ޕެޓްރޯލް) ސްޓޭޝަނެއްގައި މަސައްކަތް ކުރުމެވެ.
އަހަންނާއެކު މުސްލިމު ފިރިހެނެއް ވެސް މަސައްކަތް ކުރިއެވެ. އޭނާގެ ނަމަކީ މޫސާ އެވެ. އަހަރެންގެ ޑިއުޓީ އާންމުގޮތެއްގައި އިންނަނީ ހަވީރުން ފެށިގެން ރޭގަނޑު ވަންދެނެވެ. މޫސަގެ ޑިއުޓީ އިންނަނީ ހެނދުނުން ފެށިގެން ހަވީރު ވަންދެނެވެ.
އަހަރެން ވަޒީފާއަށް ވަންތާ ފުރަތަމަ ހަފްތާގައި މޫސާ އަހަރެން ގާތު އެދުނީ، ހުކުރު ދުވަހު އޭނާއާއެކު ޑިއުޓީ ބަދަލު ކޮށްދިނުމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، ހުކުރު ދުވަހު މެންދުރު އޭނާ ވަރަށް މުހިންމު ކަމެއް ކުރަން ޖެހުމެވެ. ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށްވާތީ އަހަރެން އެކަމަށް އެއްބަސްވީމެވެ.
އޭގެ ޖެހިގެން އައި ދެތިން ހަފްތާގައި ވެސް އޭނާ އެފަދައިން އެދުނެވެ. އަދި އަހަރެން އެކަމަށް އެއްބަސްވީމެވެ. ނަމަވެސް އެއް ހަފްތާގެ ބުރާސްފަތި ދުވަހު ޑިއުޓީއަށް އައުމަށްފަހު، އަނެއް ދުވަހު ޑިއުޓީ ބަދަލު ކުރަން ބޭނުންތޯ ސުވާލުކުރުމުން މޫސަ އެކަމާ އިންކާރު ކުރިއެވެ.
އޭގެފަހުން އަނެއްކާވެސް ދެތިން ހަފްތާ ފާއިތުވެގެން ދިޔައެވެ. މޫސަ ހުކުރު ދުވަހު ޑިއުޓީ ބަދަލުކުރާކަށް އަހަރެންގާތަކު ނޭދެއެވެ. ނަމަވެސް އޭނާ ފެންނަންފެށީ ވަރަށް މާޔޫސްވެފައި ހުންނަތަނެވެ.
އެހެންކަމުން އަނެއްކާވެސް ބުރާސްފަތި ދުވަހެއްގައި އަހަރެން އޭނާ ގާތު ހުކުރު ދުވަހު ޑިއުޓީ ބަދަލުކުރަން ބޭނުންތޯ ސުވާލު ކުރީމެވެ. ވަރަށް މާޔޫސްވެފައިހުރެ އޭނާ އެކަމާ އިންކާރު ކުރިއެވެ. ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން މޫސަ ބުނީ، ކޮންމެ ހުކުރު ދުވަހަކު އަހަންނާއެކު ޑިއުޓީ ބަދަލުކުރާތީ އަހަރުމެންގެ ސުޕަވައިޒަރު ހިތްހަމަ ނުޖެހިގެން އޭނާއަށް އިންޒާރު ދީފައިވާތީ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ލޮލުން މާޔޫސްކަމާއި މަޑުމޮޅިކަން އަހަންނަށް ފެނުނެވެ. އެހެންކަމުން އިތުރަށް އެވާހަކަ އަހަރެން ނުދައްކަމެވެ.
އޭގެ ހަތަރު ދުވަސްފަހުން އެއްދުވަހު މޫސަ އަހަރެން ގާތަށް އައިސް ބުނީ އޭނާ ވަޒީފާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެއީ ކީއްވެތޯ ސުވާލު ކުރުމުން މޫސަ ބުނީ، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު އޭނާދަނީ ނަމާދަށް ކަމަށާއި އެ ނަމާދަށް ނުދެވޭ ވަޒީފާއެއްގައި އޭނާ ހުންނަން ބޭނުންނުވާ ކަމަށެވެ.
އަހަރެން ވަރަށް ބޮޑަށް ހައިރާންވިއެވެ. ނަމާދަކާހެދި ވަޒީފާ ދޫކޮށްލަނީތޯ އަހައި، އެ ނަމާދު އެހެން ދުވަހެއްގައި ވެސް ކުރެވޭނެ ނޫންހޭ އަހަރެން އޭނާގާތތު ބުނީމެވެ.
އެއީ އެކަން އޮންނަ ގޮތް ނޫން ކަމުގައި މޫސަ އަހަރެންގާތު ބުންޏެވެ. އަހަރެން ހައިރާންވެފައި ހުރިވަރު ފެނުމުން މޫސަ އަހަންނަށް ހުކުރު ނަމާދުގެ މުހިންމުކަމާއި އެނަމާދު އެހެންދުވަހެއްގެ އެހެން ވަގުތެއްގައި ނުކުރެވޭނެ ސަބަބު ކިޔައިދިނެވެ. އެ ނަމާދަކީ ހަމައެކަނި ހުކުރު ދުވަހުގެ މެންދުރުވަގުތު ހުރިހާ މުސްލިމު ފިރިހެނުންވެސް އެއް ޖަމާޢަތެއްގައި ކުރަން ޖެހޭ ނަމާދެއް ކަމަށާއި އެ ނަމާދަކީ ފަހުދުނިޔޭގައި ވެސް ސުވާލު ކުރެވޭނެ، އަދި ހަފްތާގެ އެންމެ މުހިންމު އަދި އެންމެ މާތް ނަމާދު ކަމުގައި ވެސް ކިޔައިދިނެވެ. އަދި އެ ނަމާދުގައި ކިޔައި ޚުތުބާއަށް ހާޒިރުވުމާއި އަޑުއެހުމުގެ މުހިންމުކަން ވެސް ކިޔައިދިނެވެ.
މޫސައަކީ މުސްލިމެއްކަން ވެސް އަހަންނަށް އެނގުނީ އެދުވަހު އެވެ. އޭނާ އަހަންނާ ވަދާއީ ސަލާމް ކޮށްފައި ދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ފުރިފައިވީ ދީނުގެ އަޅުކަމަކަށްޓަކައި ވަޒީފާ ދޫކޮށްލުމުން، އެކަން އޭނާއަށް މުހިންމުވާ ސަބަބުތަކުގެ ވިސްނުންތަކުންނެވެ.
އަހަންނަކީ ނަޞާރާ ދީން ޤަބޫލުކުރި އެފަދަ އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އަހަރުމެންގެ އާއިލާއަކީ ވެސް ދީނަށް އުޅުނު އާއިލާއެއްނަމަވެސް، ކޮންމެ އާދީއްތަ ދުވަހަކު ޗަރޗަކަށް ވެސް ނުދަމެވެ. އެހެންކަމުން އަޅުކަމެއް މީހަކަށް އެހާ މުހިންމުވުން އަހަންނަށްވީ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ.
ކޮންމެހަނަކަސް މޫސަގެ އެވާހަކައަށްފަހު އަހަރެން އިސްލާމްދީނާ ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވިއެވެ. ނަމަވެސް އެއިރު މާބޮޑު މައުލޫމާތެއް އަހަންނަށް ލިބޭ ގޮތެއް ނުވިއެވެ.
އެއްދުވަހު އަހަންނަށް މޫސައާ ވަރަށް ވައްތަރު މީހަކު ފެނުނެވެ. އެއީ މޫސަތޯ ސުވާލު ކުރުމުން ހިނިތުންވުމަކާއެކު އޭނާ ބުނީ އޭނަ މޫސައެއް ދަންނަ ކަމަށާއި އޭނަގެ ނަމަކީ އުމަރު ކަމަށެވެ. އަހަންނަށް ބުނެވުނީ ’މޫސަ-މުސްލިމު މީހާ‘ ދަންނަންތޯ އެވެ. އުމަރު ހޭން ފަށާފައި އާނ އެކޭ، އަހަންނަކީ މުސްލިމެއްތޯ ސުވާލު ކުރިއެވެ. ނޫނެކޭ ބުނެ، އަހަރެން މޫސައާ ދިމާވި ގޮތާއި ހުކުރު ދުވަހުގެ ނަމާދާ ބެހޭގޮތުން މޫސަ ދެއްކި ވާހަކަތައް ވެސް ކިޔައިދިނީމެވެ.
އަހަރެންގެ ވާހަކަ ނިމުމުން މޫސަ އަހަންނަށް ދައުވަތު ދިނީ އޭނާއާއެކު ސައި ބޯން ދިޔުމަށެވެ. އަދި އެތަނުގައި އިތުރަށް ވާހަކަ ދައްކާނީ ކަމަށް ބުންޏެވެ. ދައުވަތު ޤަބޫލުކޮށް އަހަރެން އޭނާއާއެކު ދިޔައީމެވެ. އުމަރު އަހަންނަށް އެދުވަހު އިސްލާމްދީނާ ބެހޭގޮތުން އިތުރަށް ގިނަ މައުލޫމާތުތަކެއް ދިނެވެ. އަދި އެ ވާހަކަތަކުން އަހަރެން އިސްލާމް ދީނަށް އުފެދުނު ޝައުޤުވެރިކަމާއި، ލޯތްބާއި އިހުތިރާމު އިތުރުވެގެން ދިޔައެވެ.
ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހެވެ. އުމަރު އަހަންނަށް ދައުވަތު ދިނީ އޭނާއާއެކު ހުކުރު ނަމާދަށް ދިޔުމަށެވެ. އަހަންނަކީ މުސްލިމެއް ނޫނޭ ބުނުމުން އޭނާ ބުނީ އަދި ނުވިޔަސް، ފަހުންވާނެ ގޮތެއް ނޭނގެއެއް ނޫންހޭއެވެ.
އުމަރާއެކު އަހަރެން ހުކުރު ނަމާދަށް ދިޔައީމެވެ. އިމާމު މީހާ ކިޔައިދިން ޚުތުބާ އެއްކޮށް އަޑުއަހައި، ނަމާދުގެ ހަރަކާތްތައް ވެސް ކުރީމެވެ. އަހަންނަށް އެވަގުތު ކުރެވުނީ ބުނެދޭންވެސް ނޭނގޭފަދަ އިހުސާސުތަކެކެވެ. މުޅި ޖިސްމާއި ނަފްްސު ޠާހިރުވެގެންދާ ކަމުގެ އިހުސާސު އެވަގުތު ކުރެވިގެން ދިޔައެވެ.
އަހަންނަށްވީ ގޮތް އުމަރަށް ފެނުނެވެ. ނަމާދުކޮށް ނިމުމަށްފަހު، މުސްލިމަކަށް ވާން އަހަރެން ތައްޔާރުކަމަށް އުމަރު ގާތު އަހަރެން ބުނީމެވެ. ހިނިތުންވުމަކާއެކު އޭނާ ބުނީ އަވަހަށް ހިނގާށޭ، އެންމެންވެސް ތިބީ އަހަރެންގެ އިންތިޒާރުގައި ކަމަށެވެ.
މިސްކިތުގެ އެންމެ ކުރީ ސަފަށް އިމާމުމެންތިބި ހިސާބަށް ގޮސް، އެދުވަހު އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔައި ފުރިހަމަ ގޮތުގައި މުސްލިމަކަށް ވީމެވެ. އެދުވަހަށްފަހު އެންމެ ނަމާދެއް ވެސް ދޫނުކުރަމެވެ. އަދި އިސްލާމްދީނާ ބެހޭގޮތުން އިތުރަށް އެނގި އުނގެނުނީމެވެ. އަދި ކޮންމެ ވަޒީފާއެއްގައި ހުރިނަމަވެސް ހުކުރު ނަމާދަށް ބަރާބަރަށް ދަމެވެ.“
މަސްދަރު: އަބައުޓް އިސްލާމް




