ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.
އެގޮތުން ވިއްސާރައިގެ ސަބަބުން ދަތިހާލަތު ޖެހިފައިވާ ފަރާތްތަކުން، އެހީތެރިކަން ހޯދުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 911 އަށް ގުޅުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާތީ، ޒަރޫރީ ބޭނުންތަކުގައި މެނުވީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، މާލެ ސަރަހައްދު ހިމެނޭހެން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިން ވަނީ އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
އެގޮތުން މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިރޭ 9:45 އިން މެންދަމު 00:00 އަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވެސް ވަނީ ބުނެފައެވެ.




