ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޫދުވިނަ އާލާކުރުމަށް އިތުރު ތިން ރަށެއްގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމުގެ މަރުހަލާ ފަށައިފިއެވެ.
މިގޮތުން އިތުރު ތިން ރަށެއްގައި މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ހިންގުމަށް ކައުންސިލްތަކުން ހުއްދަދީފައިވާއިރު، މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުތަކަށް ޕާމިޓް ދޫކުރުމުގެ މަރުހަލާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަލަށް ހުއްދަ ދޫކުރުމުގެ މަރުހަލާ ކުރިއަށްދާ ތިން ސަރަޙައްދަކީ ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ. ހިތަދޫ އެވެ. މޫދުވިނަ އާލާކުރުމުގެ ހުއްދަ މިހާތަނަށް 5 ފަރާތަކަށް ދީފައިވާއިރު، އޭގެ ތެރެއިން ދެ ރަށެއްގައި މިހާރުވެސް ދަނީ އަމަލީ ގޮތުން އެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހުއްދަ ދޫކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ބ. ގޮއިދޫ، ގއ. ކޮނޑޭ، މ. ކޮޅުފުށި، އަދި ގއ. ކޮލަމާފުށީ ކަޅުހުއްޓާ ފަޅު ހިމެނެއެވެ.
މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަޙައްދު ކަމަށްވާއިރު، އެ ސަރަޙައްދުތަކުން ރައްޔިތުންނަށް އެންމެ ފުރިހަމަ މަންފާ ހޯދައިދިނުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ހަރުދަނާ ރޭވުންތަކެއް ހިމަނާފައެވެ.
އެ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މެރިކަލްޗަރއަށް ޚާއްސަކޮށްގެން 6 އަތޮޅަކުން 13 ޒޯނެއް ކަނޑައަޅާފައިވާއިރު، އެ ސަރަޙައްދުތަކުގެ ޖުމްލަ ބޮޑުމިން 3,849 ހެކްޓަރަށް އަރައެވެ.



