ސޯޝަލް މީޑިއާގައި ކާބޯތަކެތި އިޝްތިހާރުކުރަން ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިފަދައިން ބުނެފައިމިވަނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގައި ހުރި ކަންތައްތަކާ މެދު އާންމުންނާއި ކުދި ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޚިގެންނެވެ.
މިކަމާ ގުޅޭގޮތުން އެމްއެފްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތި އިޝްތިހާރު ކުރުމާބެހޭ ގަވައިދުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތަކަށް ކަމަށެވެ.
”ރެސްޓޯރަންޓްފަދަ ތަންތަނުގައި ބޭނުންކުރާ މެނޫ އަދި ކާބޯތަކެތީގެ ޚިދުމަތް، ނުވަތަ ވަކި ކާއެއްޗެއް ލިބެންހުރިކަމަށްބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތައް އިޝްތިހާރު ކުރަން ހުއްދަ ނަގާކަށް ނުޖެހޭނެ“ އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މިފަދައިން ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކާބޯތަކެއްޗަކީ، އެފަދަ ދެވަނައެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅައިކިޔުންފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެނޫންވެސް ކާބޯއެއްޗެއްގެ މަގުބޫލުކަން ދޭހަވާފަދަ ކަމެއް ހިމަނާފައިވާނަމަ، އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.




