ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވުމުގެ ސަބަބުން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް މުޢިއްޒު މިގޮަތަށް ނިންމެވިކަން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭގައި ވަނީ، މާލެ ސަރަހައްދު ހިމެނޭހެން އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
މީގެއިތުރުން މެދުނުކެނޑި ރޭގައި ބޯކޮށް ވާރޭވެހުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ގިނަ ގެއްލުންތަކެއް ބައެއް ރައްޔިތުންނަށް ވަނީ ވެފައެވެ.
އެހެންކަމުން މަގުތަކުން ފެންހިންދުމުގައާއި ވެލިބަސްތާ ޖެހުމާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރޭގައި ފުލުހުންނާއި، ސިފައިން އަދި އެކިއެކި މުއައްސަސާތަކުން ރޭގައި ވަރަށް ބުރަކޮށް ހަރަކާތްތެރިވެފައިވެއެވެ.




