ރޯދަ ވީއްލާ ގަޑީގައި ޕިއްޒާއާއި ސޭންޑްވިޗް ކާހިތްވާ މީހުންވެސް މަދެއް ނޫނެވެ. ތަފާތު ދެވައްތަރެއް ތައްޔާރު ކުރުމުގެ ބަދަލުގައި، މިފަހަރު މި ގެނެސްދެނީ މި ދެ ކާނާ އެއްކޮށްލައިގެން (އެއް ކާނާއެއްގެ ގޮތުގައި) ތައްޔާރު ކުރެވޭނެ، ފަސޭހަ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
▪︎ 2 ޕިއްޒާ ފުށްގަނޑު
▪︎ 2 ޖޯޑު ކުކުޅު މަސް (ވަރަށް ކުދިކޮށް ކޮށާފަ)
▪︎ 1 ބޮޑު ފިޔާ (ކޮށާފަ)
▪︎ 4 ކެޕްސިކަމް (ކަރު ނަގާ ކޮށާފަ)
▪︎ 1 މޭޒުމަތީ ސަމުސާ ރޯމިރުސް ކުދިކޮށް ކޮށާފަ
▪︎ 2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
▪︎ 1/2 ޖޯޑު މަޝްރޫމް (ކޮށާފަ)
▪︎ 1 ޖޯޑު ޕިއްޒާ ސޯސް
▪︎ 400ގ. މޮޒަރެއްލާ ޗީޒް
▪︎ 2 ބިސް
▪︎ ތެޔޮފޮދެއް
ތައްޔާރުކުރާނެ ގޮތް:
- ޕިއްޒާ މަސްގަނޑު ތައްޔާރު ކުރުމަށް ތަވަލަކަށް ތެޔޮއަޅައި، ފިޔަލާއި މިރުސް އަދި ކެޕްސިކަމް ވެސް އެޅުމަށްފަހު މީރު ކުރަން ފަށާށެވެ.
- އެއަށްފަހު ކުކުޅުމަސްކޮޅު އަޅައި، މަސްކޮޅު ރޯފިލުމުން ޗިލީސޯސް އާއި ރަހަމީރު ވާވަރުގެ ލޮނުކޮޅެއް އަޅައި ރަނގަޅަށް ކައްކާލާށެވެ.
- ދެން ޕިއްޒާ ފުށްގަނޑުގެ މައްޗަށް ޕިއްޒާ ސޯސް އެޅުމަށްފަހު، އޭގެ މައްޗަށް ތައްޔާރުކުރި މަސްގަނޑު އަޅާލާށެވެ.
- މަސްގަނޑުގެ މައްޗަށް މަޝްރޫމް އާއި ޗީޒް އެޅުމަށްފަހު އޭގެ މައްޗަށް ތުއްވާފައިހުރި ބިސްކޮޅު އަޅާށެވެ.
- ދެންއިން ޕިއްޒާ ފުށްގަނޑު އޭގެ މަތީގައި ރަނގަޅަށް ތަތްކުރުމަށްފަހު އަވަނުން ފިހެލާށެވެ.
- ފިހެނިނުމުން ސޭންޑްވިޗް ބައްޓަމަށް ކަފާލާށެވެ. ޕިއްޒާ ސޭންޑްވިޗް ތައްޔާރު ކުރެވުނީއެވެ.



