އދ. ދިގުރަށުން މާލެއަށް 48 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ”ހުވަން“ ލޯންޗުގައި ތިބި އެންމެން ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ގޮސްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:57 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން މީހުން ސަލާމަތް ކުރުމަށާއި ހާލަތު ބެލުމަށް ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
”ހުވަން“ ނަމަކަށް ކިޔާ އެ ލޯންޗުގައި ދަތުރުކުރީ 45 ޕަސިންޖަރުންނާއި ތިން ފަޅުވެރިން ކަމަށާއި އެ އެންމެންވެސް ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހުންގެ އެމަޖެންސީ ރެސްޕޮންސް ޓީމަށް ލިބުމާއެކު ހަރަކާތްތެރިވެފައިވާ ކަމަށާއި އެ ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އެ އެންމެންގެ ހާލުވެސް ރަގަޅު ކަމަށާއި މިހާރު އެ އެންމެންވެސް ރައްކާތެރިކަމާއެކު އަނބުރާ ދިގުރަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




