ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަލްފާޟިލް އަހުމަދު ނާސިފް، އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންކަމަށް ބަދަލުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު މިކަން އިއުލާނުކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްޑީސީގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި ނާސިފް، އެ މަޤާމުން ވަކިކޮށް، ވެމްކޯގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޕީސީބީން މިކަން އިއުލާނުކުރި ނަމަވެސް، އެޗްޑީސީގެ ޗެއާމަންކަމުން، ވެމްކޯގެ ޗެއާމަންކަމަށް ނާސިފް ބަދަލުކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަނަކަށް ހުންނެވި ނާސިފް، އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހު ކުރީކޮޅު އެވެ.




