ބ. ކަމަދޫގެ ކޮންމެ ގެއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބިސް ކޭހެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ނިންމަވައިފިއެވެ.
އެގޮތުން ކަމަދޫގެ ކޮންމެ ގެއަކަށް ބޮސް ކޭހެއް ހަދިޔާކުރަން ނިންމާފައިވަނީ ”ސަން ކެއަރ“ ގެ ދަށުންނެވެ. އެކަން ރޭގައި ހާމަކުރައްވާފައިވަނީ އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެވެ.
އެނގިފައިވާ ގޮތުގައި މެންބަރު ސިޔާމްގެ ދީލަތިކަމާއެކު ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ބަހަން ނިންމާފައިވީ ނަމަވެސް، އެތަކެތި އަދި އެރަށަށް ގެންގޮސްފައެއް ނުވެއެވެ.
ކަމަދޫގެ ކޮންމެ ގެއަކަށް ބޮސް ކޭހެއް ދޭން ސިޔާމް ނިންމަވާފައިވާއިރު، އޭނާގެ އެހީގައި އެރަށުގެ ކޮންމެ ރައްޔިތަކަށް ވެސް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސްފަރުވާގެ މާލީ އެހީތެރިކަން ދިނުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ ސަން ސިޔާމް ކެއާގެ ފަރާތުން ކަމަށް ކަމަދޫ ކައުންސިލުން މީގެކުރިން ބުނެފައިވެ އެވެ.
ކަމަދޫ އަކީ ސިޔާމްގެ ހަގު އަނބިކަނބަލުން އައިމިނަތު ޒާރާގެ އުފަން ރަށެވެ. ޒާރާއާއި ސިޔާމް ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ. އެކަމަށްޓަކައި އެ ރިސޯޓުގައި ކުލަގަދަ ބޮޑު ޚަފްލާއެއް ބާއްވާފައިވެއެވެ.



