މި ބަރަކާތްތެރި ރަމަޟާން މަހު، ޢާއިލާއާއެކު އަމިއްލަ ގެދޮރުގައި ރޯދަ ވީއްލަން ބޭނުން ނުވާނީ ކޮން މުސްލިމު އާއިލާއެއް ތޯއެވެ؟ އަޅުގަނޑުމެން އެ އުފާ ލިބިގަނެފައިވާއިރު، ހިތާމައަކީ ޣައްޒާގެ ލޮބުވެތި ގިނަ އަޙުންނާއި އުޚްތުން އަދި ކުޑަކުދިންވެސް އެ އުފަލުން މަހްރޫމްވެފައިވުމެވެ.
ތެދެކެވެ. އިޒްރޭލުން ދިން ހަމަލާތައް ހުއްޓާލައި، ހަނގުރާމަވެސް ހުއްޓާލައިފިއެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލިއިރު ޣައްޒާއެއްވެސް ނެތެވެ.
އެތަނުގައި މިހާރު ފެންނަން އޮތީ ހަނަފަސް ސަހަރާއެކޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. ޣައްޒާގައި ދިރިއުޅޭ ލޮބުވެތި ފަލަސްތީނު ރައްޔިތުން ރޯދަ ވީއްލަމުންދަނީ، ހަނގުރާމައިގައި ވީރާނާވެފައިވާ އެ ހަނަފަސް ބިމުގައެވެ.










