ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ޤަބޫލުކޮށް ފަނޑިޔާރު ކަމުން ވަކިކޮށްފިއެވެ.
ފަނޑިޔާރު ސުއޫދު އިއްޔެ ވަނީ މަގާމުން އަމިއްލަފުޅަަށް އިސްތިއުފާ ދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ވަނީ އެޖެންޑާ ކޮށްފައެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިފާދެއްވާފައި ނުވާ ކަމަށް ބަލައި، އިއްޔެ ޖޭއެސްސީން ވަނީ އޭނާގެ އެ މައްސަލަތައް ބަލަން ނިންމާފަ އެވެ. އެކަމާ ގުޅިގެން ސުއޫދު ވަނީ ޖޭއެސްސީއަށް ވެސް އިސްތިއުފާ ސިޓީ ފޮނުވާފައެވެ.
ސުއޫދުގެ އިސްތިއުފާ ސިޓީ ލިބުމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން 4 މާރިޗު 2025 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.
ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާއިރު، އޭނާއާ ގުޅޭގޮތުން ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުންދާތީ އިސްތިއުފާ ދިނުމުގެ ކުރިން ޖޭއެސްސީން ވަނީ ސުއޫދު ސަސްޕެންޑު ވެސް ކޮށްފައެވެ.



