ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އޮކްޓޫބަރު 20އިން 22 އަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާ، އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް މި ދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



