މިއަދަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ކަމުގައިވުމާއެކު، މިއަދުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ މީހަކަށްވުމުގެ ޢަޒުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދުގެ މުނާސަބަތުގައި ދެއް ޚާއްސަ ޚިޠާބުގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަމަށާއި، އޭރުން ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމުގައެވެ.
ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެއްކަން ރައީސް މުޢިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި، މާތް ﷲ ގެ އިރާދަފުޅާއެކު، ޢިލްމީ ހަމަތަކުގެ މަތިން ދިވެހި ޤައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުޙީބު ދެމުން ކުރިޔަށް ދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމަޢެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ. އަދި ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބު ކަމުގައެވެ.



