ލަފާ ފުރާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ދެ ޓާމިނަލެއްގެ ބަނދަރު ބޭނުން ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުވާލައިފިއެވެ.
”ސައުވީސް“ އަށް ކަށަވަރުވެފައިވާ ގޮތުގައި މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމަށް އެމްޓީސީސީން ހުޅުވާލި ކަމެކެވެ.
މިކަމުގެ ސަބަބުން ރަށްރަށަށް ފުރާ މީހުންނާއި މާލެއަށް އަންނަ ރައްޔިތުން، ވާރެއާއި އަވީގައި ގިނަ ވަގުތު ތިބެންޖެހޭ ތިބުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެ އާއި އަތޮޅުތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން، ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލަން ގަސްދުކުރާ ކަމަށެވެ.
ވީމާ، އެ ދެ ޓާރމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން އެމްޓީސީސީގެ އީމެއިލަށް މެއިލް ހުށަހެޅުމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް އެމްޓީސީސީގެ ނަންބަރު 7978865 އަށް ގުޅާލުމަށް އެ ކުންފުނިން އެދެއެވެ.




