ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިގޮތުން، ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެ 23:59ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ގައުމީ އެއާލައިނަށް އޭ-330 އެއާކްރާފްޓެއް ފުރަތަމަ ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި އެއާކްރާފްޓުގައި ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޫބަރުގެ އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



