މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ އަދި ފައިދާ ކުރުނިވި ކުންފުންޏަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހަދާނެ ކަމަށް އެ ކުންފުނީގެ އައު ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޝޯއެއްގައި ރޭގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފަރުޙަތު ވިދާޅުވީ މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ފަރުޙަތު ވިދާޅުވިއެވެ.
”މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ. އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް“ މިފްކޯގެ އައު ސީއީއޯ ފަރުޙަތު ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަނު ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ މަޤާމަށް ފަރުޙަތު އައްޔަންކޮށްފައިވަނީ ކުރީގެ ސީއީއޯ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ.



