ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް އޭނާގެ ފަރާތުން އެދިއްޖެއެވެ.
އަޒްރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފު ބަންދު ނުކުރުމަށް އަޒްމިރަލްދާ ނުފޫ×ު ފޯރުވިކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުވެސް ކޮށްފައެވެ.
މި މައްސަލާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ރޭގައި ހުށަހަޅާފައިވާ ކަމަށެވެ.
”ޖޭއެސްސީން ނިންމެވި ވަކިގޮތެއް އަދި ނާންގަވާ. ނަމަވެސް އަންގަވާނެ ކަމަށް މިއަދު ވިދާޅުވި“ ވަކީލު ޝަމީލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ބައްދަލުވުމެއް މިއަދު މެންދުރު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. އެހެންކަމުން އެ ބައްދަލުވުމުގައި މި ހުށަހެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް ބެލެވެއެވެ.



