ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ހިންގަމުންދާ ޤައުމީ ސަލާމަތާބެހޭ ޚާއްސަ އޮޕަރޭޝަނުގައި މާލެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ގަޑިން 3:00 ހާއިރު ހެންވޭރު ޝަބްނަމް މަގުގައި ހުރި ގެޔަކުން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
އެމީހާ ހައްޔަރުކުރުމަށް ފަހު ސިފައިން ވަނީ އޭނާ ދިރިއުޅޭ ގޭ ކައިރީގައި ޕާކު ކޮށްފައި އޮތް ޕިކަޕެއް ބަލާ ފާސްކޮށްފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރެއިން ފެށިގެން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހާމަ ކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދަވާނެ ކަމަށެވެ.
މި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ބަނޫން ޝޮޕްއާ ޖެހިގެން ހުރި ގެއަކާއި، ހެންވޭރު ދަނޑު ކައިރީ ހުންނަ ހ. ޕްރިމްރޯސް ވެސް ވަނީ ބަލާފާސްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ މާލޭގައި ޓެރޮރިޒަމް ގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެކެވެ.




