ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝް ބޯޑުގެ ރައީސް ކަމަށް ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ގއ. ދެއްވަދޫ، ދޭލިޔާގެ / މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަނު ކުރައްވައިފިއެވެ.
އެކަން އިއުލާނު ކުރައްވާ ރައީސް އޮފީހުން މިއަދު ވިދާޅުވީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އަނަސް އެ މަގާމަށް މިއަދުން ފެށިގެން އައްޔަނު ކޮށްފައިވާ ކަމަށެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެއެވެ.




